ވިޔަފާރި
ހިޔާނާތުގެ ތުހުމަތުވެ އައިބީއެމްގެ އެއްބަސްވުމެއް ބާތިލުކޮށްފި
އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް)އަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމާ ގުޅޭ އެއްބަސްވުން ބާތިލުކުރުމަށް މާލޭ ވޯޓާ ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އަންގައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓް ޓީމުން ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފަހު އެއްބަސްވުން ބާތިލުކޮށް، އަލުން ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ތަނެއް ހޯދުމަށް އައިބީއެމަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

"އައިބީއެމަށް ލޭބަ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮސެސް އާއި އަގުތަކާ ގުޅޭ ޝަކުވާއެއް އަޅުގަނޑުމެންނަށް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާއެކު އެކަން ކުރިއަށް ގޮސްފައިވާ ގޮތާއި އަގުތައް އިންޓާނަލް އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިއުއެސްސީގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އައބީއެމްއަށް އަންގާފައި،" މަތީން ވިދާޅުވި އެވެ. "މިގޮތުން މިހާރުގެ އެއްބަސްވުން ބާޠިލުކޮށް ލޭބަ އެކޮމޮޑޭޝަން ހޯދުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް މިހާރު ވާނީ އަންގާފައި."

އައިބީއެމްގެ މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ 27 ގައި މަހަކު 60،000ރ. އަށް ޓެލެ މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުމެއް މިދިޔަ އޮކްޓޯބަރު މަހުހެ 22 ގައި މަހަކު 200،000ރ. އަށް ބަދަލުކޮށްފައިވެ އެވެ.

މަތީނު ވިދާޅުވީ އެއްބަސްވުން ބާތިލުކުރުމާއެކު ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ ތަނެއް އަލުން ހޯދުމަށް މިހާރު އައިބީއެމްއަށް އެމްޑަބްލިއުއެސްސީން އަންގާފައިވާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި އާންމުން ދަނީ އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އައިބީއެމްއިން އެކޮމޮޑޭޝަން ބްލޮކް ފަސް އަހަރު ދުވަހަށް ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏެއް މެދުވެރިވެގެން ކަމަށް އެ ލިޔެކިޔުންތަކުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ކުންފުނިތަކުގެ ވެރިންނަށް އެއްވެސް ތަނެއްގައި ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް ޖާގަނުދެއްވާނެކަން އަންގަވާފަ އެވެ. އަދި ކޮރަޕްޝަނުގެ މައްސަލައެއްގަައި ތުހުމަތުވެއްޖެނަމަ އެކަމެއް އިދާރާތަކުން ތަހުގީގުކޮށް ބަލައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. 

ދާދިފަހުން ބިން ވިއްކުމުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ތެރެއިން ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުކުރެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދު ސަސްޕެންޑުކޮށްފައި ހުންނަވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު