ޚަބަރު
ލޮނު އުފައްދާ ފެކްޓްރީ އެއްގެ މަސައްކަތް ހއ.ދިއްދޫގައި ފަށައިފި
ކެއިންބުއިމުގައި ބޭނުންކުރާ ލޮނު ރާއްޖޭގައި އުފައްދާ ފެކްޓްރީއެއް.އެޅުމުގެ މަސައްކަތް ހއ. ދިއްދޫގައި ފަށައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޑީޕް އިންވެސްޓްމަންޓް ކިޔާ ދިވެހި ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެންނެވެ.

ފެކްޓަރީ އަޅަނީ ދިއްދޫ ކައުންސިލުން 15 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ 15,000 އަކަފޫޓުގެ ބިމެއްގައެވެ. 

ދިއްދޫ ކައުންސިލުން ހާމަކުރިގޮތުގައި މި މަޝްރޫއުގެ ސަބަބުން ކައުންސިލަށް އާމްދަނީ ލިބޭ މިންވަރު އިތުރުވެ، ރަށުގައި ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު ހަދާނެއެވެ. މީގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާ އަދި ބައެއް ޚާއްސަ ބާވަތްތައް ހިމެނޭނެ އެވެ. މީގެއިތުރުން ލޮނު މަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނުވެސް ތަޖުރިބާކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރާނެއެވެ.

ފެކްޓްރީގެ މަސައްކަތުގެ 20 ޕަސަންޓް މިހާރު ވަނީ ނިންމާފަ އެވެ. ކުންފުނިން އަމާޒުކުރަނީ މި އަހަރުގެ ނިޔަލަށް ފެކްޓަރީގެ މަސައްކަތް ނިންމާ، ލޮނު އުފައްދަން ވީހާވެސް އަވަހަަށް ފެށުމެވެ.

ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގަ އެވެ. 

ދިއްދޫގައި ތަރައްޤީކުރާ ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަކީ ކުންފުނީގެ އަމާޒުކަމަށް ރާއްޖޭގައި ލޮނު އުފެއްދުމަށް މަސައްކަތްކުރާ ކުންފުނިން ބުންޏެވެ. 

މިއީ މިފަދަ މަޝްރޫއު އެއް ގައި ރާއްޖޭގައި ޤާއިމްކުރާ ފުރަތަމަ ފެކްޓްރީއެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު