ވިޔަފާރި
އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކަށް އައި ކޭމްޕް ފަށައިފި
އައިކެއަރގެ ކޭމްޕުގެ ތެރެއިން: ކޭމްޕް ފަށައިފައި ވަނީ ގއ. އަތޮޅުން -- ފޮޓޯ/ އައިކެއާ
ލޮލުގެ ދުޅަހެޔޮކަމާއި ފެނުން ސްކްރީން ކޮށްދޭ ކޭމްޕެއް އައިކެއާ ހޮސްޕިޓަލުން އަތޮޅުތަކުގައި ފަށައިފި އެވެ.

އައިކެއާ ހޮސްޕިޓަލުން "އައި ކޭމްޕް" ކުރިޔަށްގެންދަނީ އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެންނެވެ.

މިމަހު އެ ހޮސްޕިޓަލުގެ ފުރަތަމަ ކޭމްޕް ފަށައިފައި ވަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. އެގޮތުން ވިލިނގިލިން ފަށައި، މާމެންދޫ އަދި ދާންދޫގައި ކޭމްޕު ބާއްވުމަށްފަހު މިހާރު ދަނީ ގެމަނަފުށީގައި ކޭމްޕް ކުރިއަށްގެންދަމުންނެވެ.

ގެމަނަފުށްޓަށްފަހު ދެން ދަތުރުކުރާނީ ކަނޑުހުޅުދޫއަށާއި ކޮލަމާފުއްޓަށެވެ. އެއަށް ފަހު އައިކެއަރގެ ޓީމް ދަތުރު ކުރާނީ ގދ. އަތޮޅަށެވެ.

އައިކެއާ ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން ހިދުމަތް ބޭނުންވެ، މާލެ އަށް ނާދެވި ހިދުމަތް ނުލިބި ތިބި މީހުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ކޭމްޕެއް ކަމަށެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލޮލުގެ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ ގޮތުން ހިންގާ ކޭމްޕުތަކެއް ކަމަށް ވެސް ބުންޏެވެ.

އައިކެއާ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މި ކޭމްޕު ބޭއްވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވީހާ ވެސް ގިނަ މީހުން ކޭމްޕުތަކުގައި ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން އުއްމީދުކުރެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު