ޚަބަރު
ގައުމީ ތަރައްގީގެ ޕްލޭން އެއް އަހަރުތެރޭ އެކުލަވާލަނީ
ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލާ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. 

މި ސަރުކާރުގެ މެނިފެސްޓޯގައި 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ހިމަނާފައިވެ އެވެ. އެގޮތުން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި ޕްލޭން ހެދުމުގެ މަސައްކަތް ފަށައި، އެއް އަހަރު ތެރޭ އެ ޕްލޭން އެކުލަވާލަން ނިންމާފަ އެވެ.

އެ މަސައްކަތާއި ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުން ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީގައި ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވައިލުމުގެ މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި އެންމެން ބައިވެރިވާހެން ވަރަށް ތަފުސީލުކޮށް ފުޅާ ދާއިރާއެއްގައި މާސްޓަ-ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީ ދިވެހި ރައްޔިތުން އެދޭ ގޮތަށް ބައްޓަންކުރެވިގެންދާނެ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަސައްވުރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި އެދިވަޑައިިގަންނަވަނީ ރައްޔިތުންގެ ބައިވެރިވުމާއެކު އެއަށްވުރެވެސް ގައުމީ ކުރިމަގުގެ ތަސައްވުރު ފުރިހަމަކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާއެކު އެންމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތަކަށް ގެންދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އަދި އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ ހުރިހާ ރައްޔިތުންވެސް މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުން ކަމަށެވެ. އަދި އެކަމުގައި ބޭރުގެ މާހިރުން ބައިވެރިވި ނަމަވެސް އެ މަސައްކަތުގައި އިސްކޮށް ތިއްބަވާނީ ދިވެހި ގައުމާމެދު ލޯބިކުރާ، ދިވެހިވަންތަކަށް ވަފާތެރި ދިވެހި ބޭފުޅުންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު