ޚަބަރު
މާލެއަށް ކުރި ވިއްސާރައިގައި ފަސް ގެއަކުން މީހުން ބަދަލުކުރަނީ
ރެއިން ފެށިގެން މާލެއަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން ފަސް ގެއަކުން މީހުން ބަދަލުކުރަން ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ހުއްޓާނުލައި ރެއާއި މިއަދު ހެނދުނު ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވި އެވެ. އަދި ވަރަށް ގިނަ ގެއަށް ފެން ވަދެ އެކި މިންވަރުގެ ގެއްލުންތައް ލިބުނުކަމަށްވެސް އާންމުން އަންނަނީ ސޯޝަލް މީޑިޔާގައި ރިޕޯޓުކުރަމުންނެވެ. 

އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެންބޮޑުވުމާ ގުޅިގެން އެ އޮތޯރިޓީއާއި ސިފައިންނާއި ފުލުހުންނާއި ދިވެހި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 101 ފޯނުކޯލު ލިބުނު ކަމަށެވެ. 

އަދި އިމާރާތްތަކަށް ފެން ވަނުން ކޮންޓުރޯލުކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލު ގުޅިގެން 47 ތަނެއްގައި 229 ވެލިބަސްތާ ޖެހި އެވެ. އޭގެ ތެރޭގައި ގެތަކުގެ އިތުރަށް ފިހާރަތަކާއި ގުދަން ފަދަ ތަންތަން ހިމެނޭކަމަށް އެ އިދާރާއިން ބުންޏެވެ. 

މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު މިދިޔަ ބުރާސްފަތި ދުވަހު މެޓް އޮފީހުން އިދާރާތަކަށް ދީފައިވެ އެވެ. ސިފައިންނާއި ފުލުހުންނާއި ޑިޒާސްޓާ އަދި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ތިއްބަވާ ގްރޫޕަކަށް ވެސް މެޓް އޮފީހުން އެ އިންޒާރު ފޮނުވި އެވެ.

މެޓްގެ އެލާޓްގައި ބުނީ މިއީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ. މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑު އުފެދެމުން ދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ވައިގަދަވެ ވިއްސާރަވުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވާން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެންޑީއެމްއޭ އިން ވަނީ އިރުޝާދުދީފަ އެވެ. ވިއްސާރަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން ވެސް އެކަށީގެންވާ ކަމެއް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު