ޚަބަރު
އދގައި ރާއްޖެއިން މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށް: ރައީސް
ީރައީސް މުއިއްޒާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާ އިއްޔެ ސަލާން ކުރައްވަނީ---
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބޭއްވީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވާތީ މިއީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ހާއްސަގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފަ އެވެ.

އަދި ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާގެ ވާހަކައިގައި ބައިނަލްއަގުވާމީ މައްސަލަތަކުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރާއްޖެ އަށް ކުރިމަތިވާ މުހިންމު އެހެން ކަންތައްތަކުގައި ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ގުޓާރޭޒް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސް ކުރުމުގައި އެންމެހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު