ޚަބަރު
ގާޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ހުންނަން ޖެހޭ: ރައީސް
ކުރިމަގުގެ ޖީލުން އެދެނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމު ހުއްޓުވުމުގެ ހިތްވަރު ހުރި ޖީލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ގްލޯބަލް ސަމިޓް ފޯ ޗޭންޖްގައި ރޭ ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށެވެ.

"ގާޒާގައި ހިނގަމުންދާ ގަތުލްއާއްމު ހުއްޓުވާނެ ހިތްވަރު. އދގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނުގެ ދައުލަތަށް ދޭނެ ހިތްވަރު. އިންސާނިއްޔަތާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ޒިންމާކުރެވޭނެ ހިތްވަރު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާާނު ވަނީ ރާއްޖޭގެ ތަސައްވުރު ހާމަކުރައްވައި ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ. ރައީސް ވިދާޅުވީ މިއީ މި ނިޒާމުގެ ތެރެއިން ނަތީޖާ ނެރެންވީ ވަގުތު ކަމަށާއި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަދުގެ ޒުވާން ޖީލު ބާރުވެރިކުރުވުން ކަމަށެވެ.

މާދަމާ ދުނިޔެ ލީޑުކުރަން ތިބި ބަޔަކީ އަދުގެ ޒުވާނުން ކަމަށާއި ރާއްޖޭގެ ތަސައްވުރަކީ ޑިޖިޓަލް އިނޮވޭޝަންގެ ތެރެއިން ޒުވާނުންނަށް އިގްތިސޯދީ ފުރުސަތުތަކާއި އިޖުތިމާއީ ހަމަހަމަކަން ގާއިމްކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތުން ވެވފައިހުރި އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، އަދި "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް، އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް" ހިމެނޭހެން 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށް މި ސަމިޓްގައި މަސައްކަތްކުރާނެ އެވެ.

މި ސަމިޓްގައި ރައީސް ތަޤްރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ ވެރިންގެ ޚިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ، "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ: ސްޓްރެންތެނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ސެޝަން ކޯ ޗެއާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު