ޚަބަރު
ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އަނޫރާ ދެއްވައިފި
ދިވެހިރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އޮތް ތާރީޚީ ގާތް ގުޅުން ދަމަހައްޓަން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އެ ގައުމުގެ އައު ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިއަދު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް މިހެން ވިދާޅުވީ، ލަންކާގެ ރައީސްކަމުގެ މަޤާމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ، ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެންނެވެ.

ލަންކާގެ ރައީސް ވިދާޅުވީ، ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ.މުޢިއްޒާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ދެޤައުމުގެ ގުޅިގެން ސަރަޙައްދީ ހަމަޖެހުމާއި، ކުރިއެރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލަންކާގެ ރައީސްކަމުގެ މަޤާމަށް ދިސާނަޔަކަ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސްގެ ތަހުނިޔާގެ މެސެޖުގައިވަނީ ދެޤައުމަކީ ގާތް އަވައްޓެރި ދެޤައުމުކަން ފާހަގަކުރައްވާ ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ސްރީ ލަންކާގެ އިގްތިސާދު މީގެ ދެ އަހަރު ކުރިން ބަނގުރޫޓުވެ އާންމު ދިރިއުޅުން ދަތިވެފައިވަނިކޮށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް ޑިސަނަޔަކައެވެ.

އުމުރުން 55 އަހަރުގެ ޑިސަނަޔަކަ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށްވުރެ މިލިއަނަކަށްވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ.

ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީހުގައި ޑިސަނަޔަކަ ފުރުއްވި ގޮނޑި ދެން ފުރުއްވާނީ އެންޕީޕީގެ މެންބަރު ލަކްޝްމަން ނިޕުނާރްޗީ އެވެ.

ރިޔާސީ ސެކްރެޓޭރިއަޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑިސަނަޔަކަ ވަނީ ލަންކާގެ ނުވަ ވަނަ ރައީސް ކަމުގެ ހުވާ ކުރައްވާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު