ޚަބަރު
ސައުދީގެ ގުޅުން ބިނާވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް: ރައީސް
ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ މެދުގައި އޮތް އިސްލާމީ އުހުއްވަތްތެރިކަމުގެ ވަރުގަދަ ގުޅުމާމެދު ރާއްޖެއިން ފަހުރުވެރިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިފަދައިން ވިދާޅުވީ ސަޢުދިޢަރަބިއްޔާގެ 94ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވަނީ ސައުދިޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް، އެޤައުމުގެ 94 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދިޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. 

ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވާފައިވާއިރު އެ ގައުމުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީށް ހުސައިން މުހައްމަދު ލަތީފު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސައުދީގެ ގައުމީ ދުވަހަކީ އެ ގައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް ބިން އަބްދުއްރަޙްމާން އަލް ސައުދު ހަނގުރާމައަކަށްފަހު އެ ގައުމު އެއްބައި ކުރި ދުވަސް ފާހަގަކުރާ ދުވަހެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު