ޚަބަރު
ރައީސްގެ މަސައްކަތުން ރާއްޖެސައުދީ ގުޅުން ބަދަހިވެއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީގެ 94ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލާ ނޯޓިކާގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް އެ ޤައުމުގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށްވެސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ޙައްޖާޖީންނަށް ސައުދީއިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފަ އެވެ. އަދި ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު