ޚަބަރު
ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވާ ތަން ދެކެން ބޭނުން: ރައީސް
ރާއްޖެއިން ޑިޖިޓަލް އިގްތިސާދެއް އުފެއްދުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ރޭ ވިދާޅުވީ މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި އަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ ތިން ގޮތެއް އެބައޮތް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޒުވާނުން ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އަދި ޒުވާނުން ޝައުގުވެރިކުރުވައި އެމީހުންގެ ބައިވެރިވުން ލިބޭގޮތަށް ގަރާރުތަކާއި އެއްބަސްވުންތައް ހެދުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުން މުހިއްމު. އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން މިދަނީ މަސައްކަތްވެސް ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓްތައް ގައުމަށް އިތުރުކުރަން ދަތުރުފަތުރާއި ހަކަތަ އާއި ޑިޖިޓަލް ގުޅުންތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރަން ވާނީ މި ޒަމާނުގެ ތަރައްގީއާ ފައިހަމަވާނޭ ގޮތަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހައި ސްޕީޑް އިންޓަނެޓާއި ޑިޖިޓަލް ދާއިރާއަށް އާ އުފެއްދުންތައް ނެރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން 5ޖީ އާއި އޭއައި އެންހޭންސްޑް ސިސްޓަމްތައް ތައާރަފް ކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ވިޔަފާރި އާއި ތަރައްގީއާ ބެހޭ ޖަމިއްޔާ 'އަންކްޓެޑުން' ވަޒަންކުރަމުން ގެންދާ 'ދަ ޕްރޮޑަކްޓިވް ކެޕޭސިޓީސް އިންޑެކްސް'ގެ ބޭނުންތެރިކަމާއި، އިލްމީ ނިންމުންތަކާއި ދިރާސާތަކުގެ އަލީގައި އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމުގެ މުހިއްމު ކަން ފާހަގަކުރައްވައިފަ އެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރުކުރަން އަންކްޓެޑުން ބައިވެރިވުމަށް ވެސް ރައީސް ދައުވަތު ދެއްވި އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު