ވިޔަފާރި
މިފްކޯ ސައިޓުތަކުގައި ދަނޑުުވެރިކަން ކުރިއަރުވަން ޕްލޭނެއް އެކުލަވައިލަނީ
މިފްކޯއާއި އެގްރިކަލްޗާ މިނިސްޓްރީން މަޝްވަރާކުރުން --
ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިފްކޯ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޝްވަރާކޮށްފި އެވެ. 

މިފްކޯގެ ހެޑް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ އެ ކުންފުނީގެ ސައިޓްތަކުގައި ހުރި ދަނޑުބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާ ކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިކަމަށް މިފްކޯއިން ބުންޏެވެ.

އަދި މިފްކޯގެ ސައިޓްތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާމެދު ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެގޮތާ މެދު ވެސް މަޝްވަރާ ކުރި ކަމަށާއި ޚާއްސަގޮތެއްގައި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ބުންޏެވެ.

"މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައި. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައި،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކުރާ ދަނޑުވެރިކަމުން އެ ކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮށްތައް ކުރާ ހަރަދުން ބައެއް ސަލާމަތްކުރެވެ އެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަވާރުތައް ވިއްކައިގެންވެސް އެ ކުންފުނީގެ މުވައްޒަފުންގެ ހަރަދުތަކުން މިންވަރެއް ހަމަޖެއްސޭ ކަމަށް މިފްކޯއިން ބުނެ އެވެ. 

މިފްކޯގައި ގާތްގަނޑަކަށް 2000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު