ޚަބަރު
ހިންގުމުގެ ހަރަދުން މިއަހަރު 60 އިންސައްތަ ކުޑަކޮށްފިން: ފެނަކަ
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު - ފޮޓޯ/ ރައީސް އޮފީސް
ޚަރަދުތައް ކުޑަކޮށް، މިދިޔަ އަށް މަސްދުވަހު ފެނަކައިގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 60 އިންސައްތަ ކުޑަކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ކުންފުނިތަކުން ކުރަމުން އަންނަ ހަރަދުތައް ކުޑަކުރެއްވުމަށް ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވެސް ރައީސްގެ އެންގެވުމުގެ މަތިން ހަރަދުތައް މި އަހަރު ކުޑަކޮށްފައިވާ ކަމަށެވެ.

މުއާޒް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކާއި މިއަހަރުގެ އެ މުއްދަތުގައި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ. އެގޮތުން ޖުމްލަ 60 އިންސައްތަ ހަރަދު ކުޑަކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އޮގަސްޓް މަހުގެ ނިޔަލަށް ފެނަކައިން ޖުމްލަ 150،663،563.57 ރުފިޔާ އެކި ކަންކަމަށް ހަރަދުކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 59،904،818.04 ރުފިޔާ އެވެ. 

ފެނަކައިގެ މަސައްކަތްތަކުގައި މެނޭޖްމަންޓުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް 799 ހާސް ރުފިޔާ 2023 ވަނަ އަހަރު ހޭދަކުރިއެވެ. 2024 ވަނަ އަހަރު މި މުއްދަތުގައި ހޭދަކުރީ 245 ހާސް ރުފިޔާއެވެ. މިއީ %69 ގެ ދައްވުމެވެ.

މީގެއިތުރުން ކުންފުނީގެ ސްޓާފް ވެލްފެއަރ ހަރަދުވެސް މިވަގުތަށް ވަނީ ހުއްޓާލާފަ އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް ވިދާޅުވީ މި ހަރަދު މިވަގުތަށް ކަނޑާލުމަށް ނިންމީ މި ބަޖެޓުން ކުންފުނީގެ ވަކި ބަޔަކަށް މަންފާވާގޮތަށް މީގެކުރިން ހަރަދުކުރަމުންދިޔަކަން ފާހަގަވެގެންކަމަށެވެ. ވެލްފެއަރ ހަރަދުގެ ގޮތުގައި 2023 ވަނަ އަހަރު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ.

"ބައެއް މީހުންނަށް 2500 ޑޮލަރު ދީފައި އެބަހުރި. އެއީ ސެލެކްޓެޑް ވަކި ބަޔަކަށް. އެހެންވީމާ މިހާރު ޕޮލިސީތަކެއް ހަދަމުން މިދަނީ ކުންފުނީގެ އިންޝިއުރަންސް ނިޒާމަކަށް ދާން. ސްޓާފުން ގިނަވީމަ އެކަމަށްވެސް އެބަ ދަތިވޭ. އެހެންވީމަ މިހާރު ވިސްނުމަކީ އެސްޓީއޯގެ ސަބްސިޑަރީއަށް ބަދަލުވީމަ މިކަން ކުރަން ފަސޭހަވާނެ." ފެނަކައިގެން މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވި އެވެ. 

މި އަހަރު ސީއެސްއާރު ހަރަދުތަކަށް 174،700 ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 100،000 ރުފިޔާއަކީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ދީފައިވާ ފައިސާ ކަމަށާއި 74،000 ރުފިޔާއަކީ ކުރިން ކޮށްފައިވާ ހަރަދުތަކުގެ ޕީއޯ ފަހުން ހަދަން ޖެހިގެން ހަރަދުވި ފައިސާ ކަމަށް މުއާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މުއާޒް ވިދާޅުވީ، އެމްޑީ ކުރައްވާ ދަތުރުތަކުގެ ތެރެއިން މިދިޔަ އަހަރު ކޮށްފައިވާ ދަތުރުތަކުގެ ތެރޭގައި ސާފު ނުވާ ހަރަދުތައް އެބަ ހުރި ކަމަށެވެ. އަދި ސްޓާފުންގެ ވެލްފެއާގެ ކަންކަމަށް 1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެކަން ވެސް ކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި، ކަމަށާއި މިހާރުގެ މެނޭޖްމެންޓުން އެކަން ކުރަން ވިސްނަނީ ވަކި އުސޫލެއް ހަދައިގެން އުސޫލުގެ ތެރެއިން ކަން ވެސް މުއާޒް ފާހަގަކުރެއްވިއެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު