ޚަބަރު
ޖަލުގައި މީހުން މަރުވުން ތަކުރާރުވާ މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި
ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި ދަންޖެހުނީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62އ) އެވެ. އޭނާ ބަންދުގައި ބަހައްޓައިފައި ހުރީ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާ ކަމަށާއި އެއީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. މިއަދު ޖަލުގައި މީހަކު މަރުވެފައި ވަނީ މި މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އާދަމް އަތުހަރު ދޫނިދޫ ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވި ފަހުންކަން އެމްޑީޕީން ފާހަގަކުރިއެވެ.

މިއަދުގެ ހާދިސާ ހިނގީ، އަތުހަރުގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމަށް އެ ޕާޓީން ބުންޏެވެ.

"..އަނެއްކާ ވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.  

ކަރެކްޝަންސްއިން ވަނީ ޢަބްދުލް ޣަނީ އިސްމާޢީލްގެ މަރާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި އާއިލާއާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިމަހުގެ އެކެއްގައި އަތުހަރު ދޫނިދޫ ކަސްޓޯޑިއަލްގައި މަރުވި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް ތަހުގީގު ކުރެއެވެ. އަދި އޭނާގެ އޮޓޮޕްސީއެއް ހަދައިފައިވާއިރު، އޭނާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ދައްކާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ޖުލައި މަހުގެ 28ގައި ކ. މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައަށް ފަހު، ހޯމް މިނިސްޓްރީން ވަނީ ޖަލުގައި މަރުވާ ކޮންމެ ގައިދީއެއްގެ ހަށިގަނޑު އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު