ވިޔަފާރި
ރިސޯޓުތަކުން ބޭންކަށް ޑޮލަރު ޖަމާކުރާ އަދަދު ދަށަށް
ރިސޯޓުތަކުން ބޭންކުތަކަށް ޖަމާކުރާ ޑޮލަރުގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށަށްދާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ރިސޯޓުތަކުން ބޭންކްތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރެވެ. އެކަމަކު، ޓޫރިޒަމް ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީ 4.5 ބިލިއަން ޑޮލަރަށް އަރާކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ބޭންކްތަކަށް ޖަމާކުރާ ޑޮލަރު މަދުވި ނަމަވެސް ފަތުރުވެރިކަމުން ރިސޯޓުތަކަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެ ގޮތުން 2019 ވަނަ އަހަރު ރިސޯޓުތަކަށް އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ލިބުނެވެ. އެ އަހަރު 2.5 ބިލިއަން ޑޮލަރު ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މިއީ އެ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީގެ 74 ޕަސެންޓެވެ.

މީގެ އިތުރުން ބޭންކްތަކަށް ރިސޯޓުތަކުން ޑޮލަރު ވިއްކި އަދަދުވެސް ވަނީ ދަށަށް ގޮސްފަ އެވެ.

އެ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ބޭންކްތަކަށް ވިއްކީ 68 މިލިއަން ޑޮލަރެވެ. މި އަދަދު 2019 ގައި ހުރީ 153 މިލިއަން ޑޮލަރުގަ އެވެ. 

ރާއްޖޭގައި މިވަގުތު 8 ބޭންކެއް ހިންގާއިރު، އޭގެ ތެރޭގައި ވެސް ގިނައީ ބޭރުގެ ބައެއް ބޭންކްތަކުގެ ކުދި ބްރާންޗުތަކެވެ. މިދިޔަ ދުވަސްތަކުގައި މާލީ ދާއިރާ ކުރިނޭރި އެއް ސަބަބަކީ އިންވެސްޓަރުން ބޭނުންވާ ފަދަ ލުއިތައް ރާއްޖޭގެ ބޭންކްތަކުން ނުލިބުމެވެ.

ގަވަރުނަރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ އިންޓަވިއުގައި އަހުމަދު މުނައްވަރު ވިދާޅުވީ، ޓޫރިޒަމް ސެކްޓާ އިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ ރަނގަޅު ނިޒާމެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އެހެންވެ، އިންވެސްޓަރުން ބޭނުންވާ ފަދަ ހިދުމަތްތަކެއް ރާއްޖޭގެ ބޭންކިން ދާއިރާއިން ލިބޭނެ ގޮތްތަކެއް ފަހިކުރުމަށް އެމްއެމްއޭ އިން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު