ޚަބަރު
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 19އަށް އަރައިފި
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ދިވެހި ރުފިޔާއިން 19 އަށް އުފުލިއްޖެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް 18 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާތާ އެތައް މަހެއް ވަނީވެފަ އެވެ. އިއްޔެ، ބާޒާރުގައި ޑޮލަރު ވިއްކަމުން އައީ 18.60 އާއި 18.75 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ނަމަވެސް މިހާރު އެ އަދަދު ވަނީ ރުފިޔާއިން 18.90 އާއި 19 އަށް އަރައިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ. ނަމަވެސް ފަހުން ދުވަސްކޮޅަކަށް އަގު ވަރަށް ދަށްވިއެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަތަރު މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

ނަމަވެސް، ފަތުރުވެރިކަމުގެ ސީޒަން ނިމި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައި ވަނިކޮށް އަނެއްކާ ވެސް ކަޅު ބާޒާރުގައި މި ވަނީ ޑޮލަރުގެ އަގުތައް އުފުލެން ފަށާފައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ދިމާވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އުފުލިފަ އެވެ. 

ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ވިދާޅުވާ ހާލަތު އަދި އުފަން ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު