ވިޔަފާރި
ޔޫޒަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބު ޕޯޓަލްގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވުގައި 443 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 28 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި ބޭނުންކުރެވޭ ރިޒާވުގައި ހުރި އަދަދު 18 މިލިއަން ޑޮލަރު އިތުރެވެ.

މި ކުރިއެރުމާ އެކު، ޔޫޒަބަލް ރިޒާވް ވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ. ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ 61 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ހުރީ 45 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރިޒާވު އެންމެ ދަށްކޮށް ހުރި މަހެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިދިޔަ ހުކުރު ދުވަހު އަވަސް އަށް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ އޭގެ ހެޔޮ ފައިދާ ރިޒާވްއަށް ކުރާނެ ކަމަށާއި ރިޒާވްއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ފަހުގެ ތަފާސްހިސާބުތަކުން ފެންނާނެ ކަމަށެވެ.

ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށާއި 2026 ވަނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭ ސުކޫކުގެ ބޮޑު ޕޭމަންޓް ދެއްކުމަށް މިވަގުތަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު