ވިޔަފާރި
ރާއްޖޭ އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހޭ ހާލަތެއް ނެތް
ފޮރިން މިނިސްޓަރު މުސާ ޒަމީރު
ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް އެދެން ޖެހޭ ހިސާބަށް ދާން ޖެހިދާނެ ކަމަށް ނުބެލެވޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން "ފްރާންސް24" އަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވަނީ ވަގުތީ ދަތިކަމެއް ކަމަށާއި މިއީ އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަންޖެހޭ ފަދަ ހާލަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި ޓެކުހަށް ގެންނަ އިސްލާހުތަކުންނާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުމުން ސަރުކާރަށް ކުރިމަތިވެފައިވާ ފައިސާ ނެތުމުގެ ދަތިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ކަންކަމާއި ހާލަތަށް ވަރަށް ބޮޑު އިސްކަމެއްދޭ ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި،" ރޭގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި އެވެ.

"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ އައިއެމްއެފްއާ އެކު މަސައްކަތް ފަށަންވީ ވަގުތު ކަމަކަށް ... އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައި މި އޮތީ ވަރަށް ވަގުތީ މައްސަލައެއް. އެއީ ރިޒާވްއަށް އައި ދަށްވުމާ ގުޅިގެން."

އޭނާ ވިދާޅުވީ ޓެކްސް ނެގުމުގެ ކަންކަމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް އެފިޝެންޓް ކުރުމަށް ފަށާފައިވާ މަސައްކަތް ތަންފީޒުކުރަން ފެށުމުން ލިކުއިޑިޓީ އިތުރުވާނެ ކަމަށެވެ.

ޒަމީރު މިހެން ވިދާޅުވި އިރު ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު