ވިޔަފާރި
ޗައިނާގެ އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަނީ
ޗައިނާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސައިދު ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީޖިންގ ޕިންގ އާއެކު ބޭއްވި މަޝްވަރާތަކުގައި އެދިވަޑައިގެންނެވި ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ވަރަށް މަސައްކަތްތަކެއް ކުރެއްވުމަށް ޗައިނާގެ ސަރުކާރުގައި އެދިވަޑައިގެންނެވިކަން ސައީދު ފާހަގަކުރެއްވި އެވެ.

"ދެ ގައުމު ގުޅިގެން އިންވެސްޓްމެންޓް، ވިޔަފާރި، އަދި ވިޔަފާރި ތަރައްގީ ކުރުމުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަަށް ފަތުރުވެރިކަން އިތުރު ކުރުމަށާއި، ދަތުރުކުރާ މަންޒިލްތައްވެސް އިތުރުކޮށްދިނުމަށާއި، މިކަހަލަ އެތައް ކަމެއް،".

އޭގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމާއި އެ ގައުމުން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ސައީދު ވިދާޅުވީ ދެ ގައުމު ދެމެދުގައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ ނިމިފައި ކަމަށެވެ. އެގޮތުން ދެ ގައުމުން އެއްބަސްވާ ވަގުތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން "އެކްޓިވޭޓް" ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ޗައިނާއާ އެކު އަހަރެއްގެ މައްޗަށް މިހާރު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުއާމަލާތްކުރެ އެވެ. މި ފަހުމުނާމާގެ ސަބަބުން މި އަދަދުތައް އިތުރުވާނެ ކަމަށް އަންދާޒާކުރެވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު