ވިޔަފާރި
ފެނަކައިން ފޭކު ސްޕެއާތަކެއް ބޮޑު އަގުގައި ގަތް ވާހަކަ ދޮގުކޮށްފި
ފެނަކަ ކޯޕަރޭޝަނުން ބޮޑު އަގުގައި ސްޕެއާތަކެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެކުންފުނިން ދޮގުކުރައްވައިފި އެވެ.

ބައެއް މީޑިޔާތަކުގައި އެ ކުންފުނިން ގަނެފައިވާ މުދަލުގެ ލިސްޓުކަމަށް ބުނެ ފަތުރާ ލިސްޓުގައި ހިމެނޭ މުދަލަކީ އެ ކުންފުންޏަށް ގަނެފައިވާ މުދާ ނޫންކަމަށާއި، ސްޕެއާ ހޯދުމުގެ މަސައްކަތް މިހާރު އޮތީ އެ ކުންފުނީގެ ޕްރޮކިއުމެންޓު ޕޮލިސީގެ ތެރެއިން ޓެންޑާ ކޮމިޓީގެ މަރުހަލާގައި ކަމަށް ފެނަކައިން ބުންޏެވެ.  

"މިއީ އަދި މިހާތަނަށް މި ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫނެވެ. އަދި އެއްވެސް އަދަދެއްގެ ފައިސާއެއް ދައްކާފައިވާ މުއާމަލާތެއް ވެސް ނޫނެވެ،" ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ބުނީ ދައުރު ކުރަމުންދާ ހަބަރުގައި އެ ކުންފުންޏަށް މި މުދާ ބޮޑު އަގުގައި ގަތްކަމަށް ބަޔާންކޮށް، ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށް، ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށެވެ. އަދި ކުންފުންޏަށް މުދާ ގަންނަނީ، ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބިދޭ ގޮތަށް އެކުލަވާލާފައިވާ އިޖުރާއަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެން ކަމަށާއި މި ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތަށް ހާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ވަނީ އާ މެނޭޖްމެންޓް ކުންފުންޏާއި ހަވާލުވުމަށްފަހު، ކުންފުނިން ކުރިން އަމަލުކުރަމުންދިޔަ ޕްރޮކިއުމެންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި އުސޫލުތައް ހަރުދަނާކުރެވިފައިވާ ކަމަށްވެސް ބުނެފަ އެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ދެމުންދިޔަ "ފޭކް" ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓު ކުރެވުނު ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފަ އެވެ.

މި މަރުހަލާ ފުރިހަމަކުރީ ކުންފުނީގެ ފަންނީ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާ ޝާމިލުވުން އޮވެގެން ކަމަށް ފެނަކައިން ބުނެ އެވެ. އަދި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ހިދުމަތް ފޯރުކޮށްދިން ފަރާތްތަކާމެދު ފިޔަވަޅުއެޅީ ރައްޔިތުންގެ ހައްގުގައި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

އަދި ކުންފުންޏަށް ހިދުމަތާއި މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކު" އިލްޒާމު އެޅުވުމަކީ އެކަމުގެ ސަބަބުން އެ ފަރާތްތަކާ ކުންފުންޏާ ދޭތެރޭ އޮތް ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު