ޚަބަރު
ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި ބައިވެރިވަމުން
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްުޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ --
ދިވެހިރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫޢުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.

‎ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ، އެ ޤައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި، އަދި ސާބިތުކަން ފާހަގަކުރައްވާފަ އެވެ. އަދި ދުނިޔޭގެ އިގުތިޞާދުގައި ބާރުވެރި ޤައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

‎އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައިވެ އެވެ.

‎އަދި، ކުރިއަށް އޮތް ތަނުގައި ގުޅުން އިތުރަށް ބަދަހިވެ، ފުރުސަތުތައް އިތުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު، ހަދާފައިވާ ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ "ލޭންޑްމާކް" އެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

އެ މަނިކުފާނު ވަނީ ޗައިނާ އިން ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގައި އިގުތިސާދީ ބޮޑު ބާރަކަށް ޗައިނާ ވުމާއި ސައިންސާއި ޓެކްނޮލޮޖީ އަދި އެ ގައުމުގެ ދުވަސްވީ ސަގާފަތުގެ ދާއިރާގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވި އެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު