ޚަބަރު
ޓޫރިޒަމްގެ ބިންގަލަކީ މިތުރުވެރިކަމާއި ރައްކާތެރިކަން: ރައީސް
ދިވެހިރާއްޖޭގެ ޓޫރިޒަމް ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ސުލަހްވެރި ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން. ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި."، ރައީސް ވިދާޅުވެފައިވެ އެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދަށް އެންމެ މުހިންމު އެއް ސިނާއަތެވެ. ރާއްޖޭގެ އިގްތިސޯދުގެ ބިންގަލެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،482،057 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައި ކިޔާއިރު 9.8 އިންސައްތައިގެ ކުރިއެެރުމެކެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. މިހާރު ރާއްޖެ ފާހަގަކުރެވެނީ ދުނިޔޭގައި ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް މަންޒިލުގެ ގޮތުގަ އެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިމަށް ބަރޯސާވެފައިވާ އިރު، 200 އާ ގާތްކުރާ އަދަދަކަށް ރިސޯޓާއި އެތަކެއް ގެސްޓްހައުސް އާއި ސިޓީ ހޮޓާތަކާއި ސަފާރީތައް ރާއްޖޭގައި އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.

ޓޫރިޒަމަށް ރާއްޖެ ބިނާވެފައި އޮންނާތީ މި ގައުމަކީ ބޭރުގެ ވަރަށް ގިނަ އެއާލައިންތަކުން ދަތުރުތައް ވެސް ބާއްވަމުން އަންނަ ގައުމެކެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ވެސް މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު