ޚަބަރު
އިންޑިއާގައި އުފައްދާފައިވާ 48 ބޭހަކަށް ސަމާލުވާން އެދިއްޖެ
ބޭސް ފިހާރަ އެއް - ފޮޓޯ: އަވަސް
ޕެރެސެޓްމޯލް ބެޗެއް ހިމެނޭ ގޮތަށް، އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ބޭހަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަވެފައިވާތީ އެ ބޭސްތަކަށް ސަމާލުވާން މޮލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެތަނުން ނެރުނު އެލާޓެއްގައި ވަނީ، އެ 48 ބޭހާ ގުޅޭ ގޮތުން އިންޑިއާގެ ބޭސް ރެގިއުލޭޓް ކުރާ މައި އިދާރާ ސީޑީއެސްސީއޯއިން ވަނީ އެލާޓްކޮށްފަ އެވެ.

އެ އެލާޓާ ގުޅިގެން، ރާއްޖޭގެ މާކެޓުގައި އަދި ރާއްޖެއަށް އެތެރެކުރުން ހުއްދަ ދީފައިވާ ޑުރަގު ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އެ އޮތޯރިޓީގެ ފަރާތުން ގިނަ މަސައްކަތްތައްކޮށް މާކެޓް އިވެލުއޭޝަން ހަދައިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މިގޮތަށް ބެލިބެލުމުން، އެ ލިސްޓުގެ 44 ވަނައިގައިވާ ބޭހަކީ އެޕްރޫވްޑް ޑްރަގު ލިސްޓުގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއް ކަމާއި، ނަމަވެސް 2018އިން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖޭ އެތެރެ ކުރެވިފައިނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

މީގެ އިތުރުން ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓުކޮށްފައި ނުވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކުރިއެވެ. ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެ އެލާޓާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރޭގައި، ކަރުނާޓަކާ އެންޓިބަޔޮޓިކްސް އެންޑް ފާމަސޫޓިކަލްސްއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި ޕެރެސެޓްމޯލް ޓެބްލެޓްސް އައިޕީ 500 މިލިގްރާމް (ބެޗު ނަމްބަރު 2508323) ހިމެނެއެވެ. އެ ހުރިހާ ބޭހެއްގެ ލިސްޓު އެމްއެފްޑީއޭއިން ވަނީ އާންމުކޮށްފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321އަށް ގުޅުމުން ލިބޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތަކުގެ ބެޗްތަކެއްގައި މައްސަލައެއް އުޅޭތީ، އެފަދަ ބޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަށް އެދި އެމްއެފްޑީއޭއިން އިލްތިމާސްތައްކޮށްފައިވެއެވެ.

މި ސަރުކާރުން އަންނަނީ، ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު