ވިޔަފާރި
ރުޕޭ ކާޑާއެކު އިންޑިއާއާއެކު ވިޔަފާރި ކުރުމުގައި ލުއި ލިބޭނެ: މިނިސްޓްރީ
ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހެދުމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އިންޑިއާއާއެކު ވިޔަފާރި ކުރުމުގައި ލުއިތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ގައުމުގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު މިއަދު ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. މި ކާޑު ތައާރަފްކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން އެކުގައި ސްޓޭޓްމަންޓެއް ދެއްވުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގަ އެވެ. 

ރުޕޭ ކާޑުގެ ހިދުމަތަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް, ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ މެދުގައި ގުޅުން ވަރުގަދަ ކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ރުޕޭ ކާޑުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު ކުރެވޭ މާލީ މުއާމަލާތްތައް ފަސޭހަ ކުރެވި, ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހި ކުރެވި, ވަކިން ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންޑިއާ އެކު ވިޔަފާރި ކުރުމަށް ލުއިތައް ލިބޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖެއަށް މުހިންމު ޓޫރިސްޓު މާކެޓަކަށްވާއިރު މި ބަދަލާއެކު ރާއްޖޭގައި ފަސޭހަކަމާ އެކު އިންޑިއާގެ ޓޫރިސްޓުންނަށް މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރުޕޭ އަކީ އެކި ގައުމުތަކުގައި ބޭނުން ކުރެވޭ ގޮތަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން 2012 ވަނަ އަހަރު އިފުތިތާހު ކުރި މަލްޓިނޭޝަނަލް ފައިނޭންޝަލް ސާވިސް ޕޭމަންޓު ނެޓުވޯކެކެވެ. އިންޑިއާގެ ފައިސާ، ރުޕީސް އާއި ޕޭމަންޓުގެ ނަމުން ނަން ދީފައިވާ އެ ހިދުމަތް ތައާރަފު ކުރީ އެ ގައުމުގެ އިގުތިސާދުގެ ތެރޭގައި ބޭނުން ކުރާ ކަރުދާސް ފައިސާގެ އަދަދު މަދު ކުރުމުގެ ބޭނުމުގަ އެވެ.

ރާއްޖޭގައި ރުޕޭ ތައާރަފްކުރިއަސް، އެ ކާޑުން މުއާމަލާތްކުރެވޭނީ އިންޑިއާ މީހުންނަށް އެކަންޏެވެ. އެ ގައުމަކީ ގިނަ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވިއަސް، ދިވެހިންނަށް އިންޑިއާގައި މި ކާޑު އަދި ބޭނުމެއް ނުކުރެވޭނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު