ޚަބަރު
މަޑިދަށުން ނެގީ ވިއްސާރަ ކޯޓަކާއި ކަދުރު ކޮތަޅެއް: ޖަހަންގިރް
ސައިކަލެއްގެ މަޑިދަށުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކުރި މީހާ - ފޮޓޯ: ޕޮލިސް
މާލޭގައި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބިދޭސީ މީހާ، ފައިސާ ވަގަށް ނުނަގާ ކަމަށާއި އެއިން ނެގީ ވިއްސާރަ ކޯޓަކާއި ދޮންކެޔޮ ކޮތަޅެއް ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި ކަމަށް ބުނެ، ޖަހަންގިރު ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ މައްސަލައިގައި ފުރަތަމަ އޭނާއަށް ދިން ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރައް މުއްދަތުދީ އޭނާ ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ވަނީ އޭނާ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ހެކި ކޯޓަށް ހުށަހަޅާފައެވެ. އެ ގޮތުން، ހުށަހަޅާފައިވާ ސީސީޓީވީ ފޫޓޭޖްގައި ސައިކަލުގެ މަޑިދަށުން އެއްޗެއް ނަގާތަން ފެންނަކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ.

ނަމަވެސް، އޭނާގެ ވަކީލު ވަނީ ސައިކަލުގެ މަޑިދަށުން އޭނާ ނެގީ ފައިސާ ނޫން ކަމަށާއި އޭނާ ނަގާފައިވަނީ ވިއްސާރަ ކޯޓެއް ކަމަށް ބުނެފައެވެ. އަދި، އޭނާގެ ދެވަނަ އަނބިމީހާ ގެއަށް ވައްދާތަން ފެންނަނީ ދޮންކެޔޮލާއި ކަދުރު އަޅާފައި ހުރި ކޮތަޅެއް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، ވިއްސާރަ ކޯޓެއްގެ އިތުރުން އިތުރު އެހެން އެއްޗެހި ވެސް ނަގާ ކަމަށާއި އޭނާގެ އަމަލުހުރި ގޮތުން އިތުރު އެއްޗެއް ވެސް އޮތްކަން އެނގޭ ކަމަށް ކޯޓުގައި އަމުރުގައި ގާޒީ ލިޔުއްވާފައިވެއެވެ.

އެ މައްސަލާގައި ހުށަހަޅާފައިވާ ވީޑިއޯއިން ވިއްސާރަ ކޯޓެއްގެ އިތުރުން ވެސް އެހެން އެއްޗެހި ނަގާ ކަމަށާއި އޭނާ އެ އެއްޗެހި ނެގުމުގައި އަމުލުތައް ހުރި ގޮތުން އިތުރު އެއްޗެއް އޮތްކަން އެ ވީޑިއޯއިން އެނގޭ ކަމަށް އެ އަމުރުގައިވެ އެވެ.

އޭނާގެ ދެވަނަ އަނބި މީހާގެ ގެއަށް ދޮންކޭލާއި ކަދުރު ގެންދިޔައީ ނޫކުލައިގެ ޕްލާސްޓިކް ކޮތަޅަކަށް ލައިގެން ކަމަށް ބުނި ނަމަވެސް އެ ކޮތަޅު އޮތީ ނޫކުލައިގައި ނޫން ކަމަށައި އޭގައި ހުރީ ދޮންކެޔޮ ނޫން ކަމަށް ވެސް ފުލުހުން ކޯޓުގައި ބުންޏެވެ.

މަޑިދަށުން ނެގީ ފައިސާ ނޫން ކަމަށް ބުންޏަސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހަންގީރުގެ ބަންދަށް އަނެއްކާ ފަސް ދުވަސް އިތުރުކޮށްފަ އެވެ. އެއީ އަދިވެސް ތަހުގީގު ފުރިހަމަ ނުވާތީ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު