ޚަބަރު
ނުދައްކާ ހުރި ބިދޭސީންގެ ފީން އެއް ބިލިއަން ރުފިޔާ ހޯދައިފި
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ލިސްޓު އާންމު ކުރި ފަހުން މިއަދާ ހަމައަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ދައްކާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ފީއާއި ޖޫރިމަނާގެ ގޮތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

"މިހާރު ނުލިބި ހުރީ 703 މިލިއަން ރުފިޔާ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. 

ބިދޭސީންގެ ފީތައް ދައުލަތަށް ނުދައްކާހުރިއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެމީހުންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" މިހާރު 82 ރަށެއްގައި ކުރަމުންދާ ކަމަށާއި މިހާތަނަށް 6000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލް މަހު ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ނަމަވެސް، މިހާރު މިދާ ސްޕީޑުން އަންނަ ޖެނުވަރީގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ލަފާކުރައްވާފަ އެވެ. 

އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގަވާއިދާ ހިލާފަށް އުޅުނު 4،361 ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. މި ސަރުކާރަށް ނޮވެމްބަރު 17 ވަނަ ދުވަހު އަހަރު ފުރެންވާއިރަށް އެ އަދަދު 5،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު