ޚަބަރު
ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި
އެއާޕޯޓުން އަތުލައިގަތް ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓު -- ފޮޓޯ: މިނިސްޓަރު އަލީ އިހުސާން
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފި އެވެ.

މަސްތުވާތަކެތި ހުރި ވޭޕް އޮއިލް ޝިޕްމެންޓެއް އަތުލައިގެންކަން ހާމަ ކުރެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ.

އިހުސާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި ރާއްޖެ އެތެރެކުރި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ މަހުން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރައީސް ވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަން މިއަދު ހާމަކުރައްވައިފަ އެވެ. އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަކަށް ނުގެނޭ، މިހާރު ތަހުގީގު ކުރަމުން އެދަނީ އެ މައްސަލަ،" އިހުސާން ވިދާޅުވި އެވެ.

މުއިއްޒުގެ ނިންމުމަށް އަމަލު ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް މިރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު