ޚަބަރު
ސަފީރަކަށް އަޒީމާ އައްޔަން ކުރަން ކޮމިޓީގެ ރުހުން
ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އަޒީމާ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެ އެވެ.

މިއަދު އެ މައްސަލަ ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވައި ތާއީދު ވެސް ލިބިފައިވެ އެވެ.

އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ނިންމެވީ މިހާރު އިންޑިއާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގަ އެވެ. އޭނަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 2022 ގަ އެވެ.

އަޒީމާ އަކީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނަ އަދާކުރެއްވި އެވެ.

އޭނަ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ 1988 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު