
އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން އެކްސްގައި އިއްޔެ ކުރި ޕޯސްޓުގައިވަނީ ވޭޕް ބޭނުންކުރުން މަނާކުރުމަކީ ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ސަގާފަތް ހުއްޓުވުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖޭގައި 15 އަހަރާއި 13 އަހަރާ އަހަރާ ދެމެދުގެ 23.1 ޕަސެންޓް ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ.ދެކުނު އޭޝިއާގައި ނިކޮޓިން އަދި ދުންފަތުގެ އުފެއްދުންތައް ބޭނުން ކުރާ ޒުވާނުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފަ އެވެ.ޑަބްލިޔޫއެޗްއޯއިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހުރިހާ ކަމަކީ ވެސް ކެންސަރު، ފުއްޕާމޭގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް ހުށަހެޅޭ ނުރައްކާތެރި އެއްޗެއް ކަމަށެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.