ޚަބަރު
ދެ ބިލިއަން ރުފިޔާ ރެކޯޑްކޮށްފައި ނެތް މައްސަލައެއް ބަލަނީ
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން މާލީ މުއާމަލާތްތައް ބަލަހައްޓާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ އެކަންކަން ބަލައި ގާނޫނާ ހިލާފަށް އަމަލުކުރި ފަރާތްތަކަށް ކަމާ ގުޅޭ އިދާރާތަކާ ގުޅޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކުގައި ހިމަނާފައި ނެތް ދެ ބިލިއަން ރުފިޔާއާ މެދު އަމަލުކުރާނެ ގޮތްތަކެއް ނިންމޭނީ އޮޑިޓާ ޖެނަރަލް ދެއްވާ ލަފައެއް ބެލުމަށްފަހު ކަމަށެވެ. އޮޑިޓާ ޖެނަރަލް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ ކަމާ ގުޅޭ ރިޕޯޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ރިޕޯޓް ނެރުން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ހުއްޓާލައްވައި، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭރުގެ މާލީ އިދާރާ ތަކުން ދޫކޮށްފައި ހުރި ދޮޅު ބިލިއަނާއި ދެ ބިލިއަން ރުފިޔާއާ ކައިރި ކުރާ އަދަދެއް މި އަހަރުގެ ތެރޭގައި ރެކޯޑްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ މިދިޔަ އަހަރާއި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށާއި އޭގެއިތުރުން ވެސް މިފަދަ ބިލުތައް އެކި މިނިސްޓްރީތަކުގެ ހުރުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ދެނެގަތުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހާއެކީ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި ތިން ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭގޮތުން ކުރިއަށް ދާނެ ގޮތުގެ ލަފާ އަށް އޮޑިޓަ ޖެނެރަލް އަރިހުގައި ލިޔުމުން އެދިފައިވާނެ ކަމަށާއި މީގެ އިތުރުން، މިކަމުގައި ކުރިއަށް ދާނީ ބަންޑާރަ ނައިބުގެ ކިބައިން ލިބޭ ލަފާއާ ވެސް އެއްގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު