ޚަބަރު
ދައުލަތުގެ ބަޖެޓުން އެއްވެސް ރަށެއް އުންޏެއް ނުވާނެ: ޒަމީރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް
ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއް އަދި ސިޓީއެއްވެސް ބާކީނުވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ. 

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޒަމީރު ވިދާޅުވީ ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ބަޖެޓުގައި ވަކިވަކި ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ނަމާއި އެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓާއި އެ ޕްރޮޖެކްޓްތައް މިހާރު އޮތް ސްޓޭޖް ވެސް އެނގެ އެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލުތައް ހިމަނާފައި ނުވާތީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިތުރަށް ޒަމީރު ފާހަގަކުރެއްވީ މިހާރު ސަރުކާރުން ގެންގުޅޭ ވިސްނުމަކީ މަޝްރޫއުތައް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ޕްރޮޖެކްޓަށް ތައްޔާރުވުމަށް އެކަށައަޅާ ފަންޑުގެ ތެރެއިން ފުރިހަމަކުރުމަށްފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްކަންދެއްވާ މަޝްރޫއުތަކުގެ ތަރުތީބުން މަސައްކަތްތައް ކުރިއަށްގެންދެވުން ކަމަށެވެ. 

އެގޮތަށް މަސައްކަތްކުރާއިރުވެސް އެއްވެސް ރަށެއް އުނިވެފައި ނޯންނާނެކަމުގެ ޔަގީންކަން ދެއްވަމުން ޒަމީރު ވިދާޅުވީ ހުރިހާ ރަށެއްގައ އަދި ސިޓީއެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށެވެ. 

"އަޅުގަނޑުމެން ދޭން އޮތް ޔަގީންކަމަކީ މިހާރު އަޅުގަނޑުމެން ގެންގުޅޭ ލިސްޓުގައިވެސް އެއްވެސް ރަށެއް އުނިވެފައެއް ނޯންނާނޭ. މި އަހަރު ތެރޭގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްްގައި ސިޓީތަކާއި މާލެވެސް ހިމެނޭ ގޮތަށް މަޝްރޫއުތައް ފަށަން އޮތީ ޕްރޮގުރާމުގައި ރޭވިފައި،" ޒަމީރު ވިދާޅުވި އެވެ. 

ބަޖެޓްގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް ހާއްސަ ކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އެފަދަ މަޝްރޫއުތަކަށް ވަނީ 1.5 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ. އަދި އެއާޕޯޓް މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 222 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މިއަހަރު ޕީއެސްއައިޕީއަށް 11 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. މިއީ މިއަހަރަށް އެންމެ ފުރަތަމަ ހުށަހެޅި ބަޖެޓުގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 3،000 އެއްހާ މަޝްރޫއު ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު