ޚަބަރު
އަހަރެއް ވީއިރު ސަރުކާރާމެދު ރައްޔިތުން މާޔޫސްވެއްޖެ: ނަސީރު
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
މި ސަރުކާރަށް އަހަރެއް ފުރުނުއިރު، ރައްޔިތުން ތިބީ ސަރުކާރާ ދޭތެރޭގައި މާޔޫސްވެފައި ކަމަށް ޕީއެންސީއަށް ނިސްބަވްތެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އަހަރެއް ތެރޭގައި ގެންނަން ބޭނުންވި ތަރައްގީ ހުއްޓި، އެކަން ނުކުރެވިގެންދިޔަ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އެއް އަހަރު ވެގެންދިޔައިރު ގިނަ ދާއިރާތަކުގެ ރައްޔިތުންގެ އިހުސާސްތައް ހުރީ ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވުން ތެރޭގައި އިއްޒަތްތެރި ރައީސް. އެބޭފުޅުންގެ އަޅަން ހަމަޖެހިފައިވާ، ސިއްހީ ނިޒާމު ތެރެއިން އަޅަން ބޭނުންވި ހޮސްޕިޓަލާއި، ތައުލީމަށް އަޅަން ބޭނުންވި ސްކޫލްތަކާއި، މަގު ހެދުމާއި، ނަރުދަމާ އާއި މިނޫން ވެސް ހުރިހާ ކަންތައްތަކެއް ހުއްޓި މި މަސައްކަތް ނުކުރެވިގެންދިޔަ ސަބަބު އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނާ ހިސާބަށް ކިޔައިދޭން،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގެ ވައްކަންތައް ވެސް ހުރިހާ ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ. ދައުވާކޮށްގެން ރުފިޔާތަކެއް ހޯދާނެ ކަމެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވަނީ، ދައުލަތަށް ގެއްލިގެންދިޔަ ވަގުތުތައް އަނބުރައި ހޯދާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ. މި ކަމާ ދޭތެރޭގައި ވިސްނައި، މި ނޫން އެހެން ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އޭނާ ގޮވައިލެއްވި އެވެ.

"ދައުވާކޮށްގެން ރުފިޔާތަކެއް ނޫން ހޯދަން މި ޖެހެނީ އިއްޒަތްތެރި ރައީސް. އެ ރުފިޔާތައް ހޯދުމުގެ ބަދަލުގައި މި ގެއްލުނު ވަގުތު ކިހިނެއްތޯ އަޅުގަނޑުމެން ހޯދާނީ. ފަސް އަހަރު ދައުލަތެއް ދަރުވާލާފައި އެ ވަގުތު ހޯދުމަށް ޓަކައި އަޅުގަނޑުމެން ކިހިނެއްތޯ އަލުން އަނބުރާ އެ ވަގުތުތައް ހޯދާނީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްތަކަށް ދަތުރުކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ގައުމު ހިންގަން މަސައްކަތް ކުރާކަން ރައްޔިތުންނަށް ބުނެދޭން ޖެހެއެވެ.

މި ސަރުކާރަށް އަހަރެއް ފުރުނުއިރު، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބަޖެޓުގެ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އިދިކޮޅު މެންބަރުން ފާހަގަ ކުރަނީ ވަކިވަކި ރަށްރަށަށް މަޝްރޫއުތަކުން ހަރަދު ކުރާނެ މިންވަރު ނުޖަހާ އޮތުމުންނެވެ. އަދި އެވަރުގެ ބޮޑު ބަޖެޓެއް ހުށަހެޅިއިރު ސަބްސިޑީތަކަށް ކަނޑައެޅި އަދަދު މަދުވުމުން ވެސް އިދިކޮޅު މެންބަރުން ފާޑުކިޔެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު