ޚަބަރު
ޔޫއޭއީ އެމްބަސީގެ ކުލީގެ މައްސަލަ ހައި ކޯޓަށް
ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީ ހިންގި އިމާރާތުގެ ކުލި ހޯދަން އެ އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ގ. ނިއުޝާގޭގެ ތިން ފަންގިފިލާގައި ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގީ މޭ 1، 2020 އިން ފެށިގެން އޮކްޓޯބަރު 2022 ގެ ނިޔަލަށެވެ. އޭރު އެއީ ކޮންސްޓްރަކްޝަން-ލީސްގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ އިމާރާތެކެވެ. ކުއްޔަށް ހިފުމުގެ މުއާމަލާތް އެމްބަސީން ކޮށްފައިވަނީ އެ ފަރާތާ އެކު އެވެ.

މިމައްސަލަ ހައިކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.

މި މައްސަލާގައި ދައަވާކުރި ފަރާތުން ބުނެފައިވަނީ ޔޫއޭއީ އެމްބަސީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި 2020 އިން ފެށިގެން އޮކްޓޯބަރު 2022ގެ ނިޔަލަށް ހިންގިއިރު އެތަނުގެ ކުލި ދައްކާފައި ނުވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި އޭރު ކުއްޔަށް އެރި 92,000 އަށް ވުރެ ގިނަ ޑޮލަރު -- 1.4 މިލިއަން ރުފިޔާ ހޯދުމަށް އެ ދައުވާގައި ވަނީ އެދިފަ އެވެ. 

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލާގައި ވެސް އެ އިމާރާތުގެ ވެރިފަރާތުން އެ އެމްބަސީއާ ދެކޮޅަށް ކުރިން ދައުވާކުރި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ ރާއްޖެއަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބައިވެރިވެފައިވާ ގައުމަކަށް ވާތީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު