ޚަބަރު
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ނައިބް ރައީސް ފުރާވަޑައިގެންފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފި އެވެ.

މިއަހަރުގެ ބައްދަލުވުން ސަމޯއާގައި ކުރިއަށް ގެންދާއިރު ނައިބް ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނީ ނައިބް ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިއްމު ބަޔާންތަކެއް އިއްވާނެ ކަމަށެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އިގްތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމުތަކަށް ލިބޭ މުހިއްމު ބައްދަލުވުމެކެވެ. 

މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 21 އިން 26 އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު