ޚަބަރު
ތެލެސީމިއާ ކުދިންނަށްޓަކައި ލޭ ހަދިޔާކުރުމަކީ އުފަލަކަށް ހަދަން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އެންމެންގެ އުފަލަކަށް ހަދަން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް" މާސްޓަޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި އެހެން ކުދިންނެކޭ އެއްގޮތަށް އެ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭ ކަމަށެވެ.

އެއާ އެކު، އެ ކުދިންނަށް ސިއްހީ ފަރުވާ ދިނުމުގައި ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ކުދިންނަށް އެހީވުމަށް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް އެބައޮތް ކަމަށާއި އެއީ ލޭ ހަދިޔާ ކުރުން ކަމަށެވެ.

"ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަން ޖެހޭ. ލޭ ހަދިޔާ ކުރުމަކީ އެ ކުދިންގެ ދިރިއުހުރުމަށް ދެވޭ އުންމީދެއް ވެސް މެ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ފަދައިން ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައި ދޭން ފަށާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ރޭ ވަނީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ދިހަ އަހަރު ދުވަހުގެ މާސްޓާ ޕެލޭނެއް އެކުލަވާލައި، އިފްތިތާހުކޮށްފައެވެ. އެ ޕްލޭންގައި މައިގަނޑު ހަތް ސިޔާސަތެއް ހިމަނައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު