ޚަބަރު
ޑްރޯން ބޭނުން ކުރޭތޯ ބަލަން ޣައްސާން މަޖިލީހަށް ހާޒިރުކުރަނީ
ބޮޑު އަގުގައި ތުރުކީއިން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސާފު ބަލަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ސިފައިންގެ ހިދުމަތުގައި ބޭނުން ކުރުމަށް 570 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ގެނައި ޑްރޯންތައް އޮޕަރޭޓު ކުރަން ފެށިފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.

ޑްރޯންގެ ބޭނުން ކުރަން ފަށާފައިވާ ނަމަ މިހާތަނަށް ބޭނުން ކުރެވިފައިވަނީ ކޮން ބޭނުމެއްގައިތޯ ސާފުކުރަން ވެސް މީކާއިލްގެ ސުވާލުގައި އެދިވަޑައިގެންފަވެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވިދާޅުވީ ރާއްޖެއަކީ، ކަނޑުގެ ސަރަހައްދާއެކު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް ކަމަށާއި މި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.

"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސާވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑްރޯން ބޭނުން ނުކުރާ ސަބަބު ހޯދަން އެކި ފަހަރު އެހުމުން ވެސް ސިފައިންގެއިން ރަސްމީ ޖަވާބެއް ނުދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު