ޚަބަރު
ހިރިމަރަދޫން މީހުން ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން އެދިއްޖެ
ހދ. ހިރިމަރަދޫ ރައްޔިތުން ވަރަށް އަވަހަށް އެހެން ރަށުން ބަދަލުކޮށްދިނުމަށް އެ ރަށު ކައުންސިލުން އަނެއްކާވެސް ސަރުކާރުގައި އެދިއްޖެ އެވެ.

ލޯކަލް ގަވަރުމަންޓް މިިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ނެރު ތިލަވުމުގެ ސަބަބުން ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައްވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ ގުޅުންހުރި ފަރާތްތަކާއެކު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހިިރިމަރަދޫގެ ރައްޔިތުން މީގެ ކުރިން ވަނީ ކ. ތުލުސްދޫއަށް ހިޖުރަކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުން ބުނީ ހިރިމަރަދޫގެ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށެވެ. 

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިދިޔަ މަހު ވިދާޅުވީ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް، އެއީ ކުރެވިދާނެ ކަމެއްތޯ ބަލަމުން އަންނަ ކަމަށާއި ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭން އެއް އަހަރުގެ ތެރޭގައި ނިންމާއިރު، އެކަންކަމަށް ރިއާޔަތްކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަތޮޅުތަކަށްވެސް ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްގީކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުދި ރަށްރަށުގެ ރައްޔިތުން އެފަދަ ރަށްތަކަށް ބަދަލުވުމަށް ބޭނުންވާނަމަ އެ ފުރުސަތު ދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު