ޚަބަރު
ބެންކުގެ ނިންމުމަށް ސަރުކާރުން ޝުކުރު އަދާކޮށްފި
ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމެވުމާއެކު، ސަރުކާރުން އެ ނިންމެވުމަށް ޝުކުރު ދަންނަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

"މިގޮތުން 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމެވުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،"

ބަޔާނުގައި ބުނީ ދިވެހި ގައުމުގެ ތަރައްގީ ގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ. 

"...އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުން ދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނަމެވެ،" ބަޔާނުގައި ވެ އެވެ.

ބީއެމްއެލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މި މަހު ވަނީ އެ ބޭންކުގެ ސީއީއޯ ކަމަށް ދިވެއްސަކު ހަމަޖައްސައިފަ އެވެ. އެއީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން ކުރެއްވި އަދި މާލީ ދާއިރާގައި 25 އަހަރު ހޭދަކުރައްވާފައިވާ މުހައްމަދު ޝަރީފެވެ. އަދި އެ ބޭންކުގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު ވަނީ މިދިޔަ މަހު އައްޔަންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު