ޚަބަރު
މިނިވަންކަމާއެކު އެއްޗެއް ބުނަން ކެރޭ ދެތިން ހަތަރު މީޑިއާ ވެސް ނެތް: ފައްޔާޒު
ރާއްޖޭގެ މިނިވަން މީޑިއާ ނިމުމަކަށް އައިސްފައިވާ ކަމަށާއި މިނިވަންކަމާއެކު އެއްޗެއް ބުނަން ކެރޭ ދެތިން ހަތަރު މީޑިއާ ވެސް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ "މިނިވަން މީޑިއާ މި ހިސާބަށް މި ނިމުނީ" ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މީޑިއާތަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު އެއީ މީޑިއާތައް އިތުރަށް އަޅުވެތިކޮށްލުމަށް ކުރާ ކަމެއް ކަމަށެވެ.

"ހަގީގަތަކީ ދެތިން ހަތަރު މީޑިއާ ވެސް ނެތް މިނިވަންކަމާ އެއްކޮށް އެއްޗެއް ބުނެލަން ކެރޭ. އަދި އިތުރަށް އެ މީޑިއާތައް އަޅުވެތިވެގެންދާނެ ތަން މި ފެންނަނީ ފައިސާގެ ގޮތުންނާއި އަދި މި ބިރުވެރިކަން ފަތުރައިގެން،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން މީޑީއާގެ މިނިވަންކަމޭ ކިޔާފައި މީޑިއާ ކައުންސިލްގެ ރައީސް ވަކިކުރުމަކީ ލަދުހަޔާތްކުޑަކަން ކަމަށާއި އެ ބޭފުޅުން ނުކުރައްވާނީ ދެން ކޮން ކަމެއްތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

އެމްއެމްސީގެ ރައީސް އަދި ޕީއެސްއެމްގެ ނިއުސް އޮޕަަރޭޝަންސް މެނޭޖަރުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ އިއްޔެ ޕީއެސްއެމްގެ ވަޒީފާއިން ވަކި ކުރީ، ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި "އަދަދު" އަށް ތަހުގީގީ ދާއިރާއިން އެވޯޑު ލިބުނު ޑޮކިއުމެންޓްރީގެ ތަންކޮޅެއް އެ ޓީވީން ލައިވް ކުރެވުމުންނެވެ.

ފައްޔާޒް ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުތަކުން ރާއްޖެއަށް ލިބިފައި ހުރި ކުރިއެރުންތަކުން ފަހަތަށް ގޮސް ގައުމު އަނބުރާ 19 ވަނަ ގަރުނަށް އެނބުރި ދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ.

މިގޮތުން، ސަރުކާރުން ގޯހުން ގޯހަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް އަޑު އުފުލައި އެކަންކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ނުކޮށްފިނަމަ ގައުމުގައި ދެން މިނިވަންކަމާ އެކު ނޫޅެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މުސްތަފާ ވަކިކުރުމަށްފަހު ޕީއެސްއެމުން ވަނީ މީޑީއާ ކައުންސިލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު