ޚަބަރު
ފައްޔާޒަށް ތުހުމަތުވާ ގޮތަށް އިހުސާން ދެއްކި ވާހަކަތައް ބަލައިދޭން އޭނާ އެދިއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޕޮލިސް ސްޓޭޝަން އެޅުމުގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން، އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، މެމްބަރެއްގެ ސުވާލަކާ ގުޅިގެން އިހުސާން ވިދާޅުވީ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރަން ކުރީގެ ސަރުކާރުން 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ) އަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެ، ގ. މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބިގްއަކީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިިކޭޝަން ހެޑް، މ. ބޯގަންވިލާ ހަސަން އިސްމާއިލްގެ އިތުރުން އިންދިރާ ކުންފުނީގެ ހިއްސާ އޮންނަ ތަނެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި ފައްޔާޒްގެ އާއިލީ ކުންފުނި ބިގްގެ ހިއްސާދާރަކަށް އިންދިރާ ކުންފުނި ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ގަ އެވެ.

އިހުސާންގެ އެ ތުހުމަތާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހުސާންގެ ވާހަކަތަކާ ގުޅިގެން ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެއްވާފައިވާ ކަމަށެވެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއްވާ އިރު، އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުން ދިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވަނީ. އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް،" ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ ޕޮލިހާއި އޭސީސީއަށް މައްސަލަ ހުށަހެޅީ އެކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން ކަމަށާއި ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު ކަމަށެވެ.

ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން މިދިޔަ މާޗު މަހު ހާމަ ކުރި އެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު