ޚަބަރު
ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އަހުމަދު ޒާހިރާއި މޫސާ ލަތީފަށް
އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ކ) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް --
ނޫސްވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އަދި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް މިރޭ ހާސިލް ކުރައްވައިފި އެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެމްސީން ދޭ ޝަރަފުގެ އެވޯޑެކެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނަށް އިނާމު ދިނުމަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ބޭއްވި ހަފުލާގައި މި ދެ ބޭފުޅުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވި އަހުމަދު ޒާހިރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރުގައެވެ. ޒާހިރުގެ ލިޔުންތަކާއި ޚަބަރުތައް އާންމުންނާ ހަމައަށް އައީ އޭރުގެ އެންމެ މަގުބޫލު އާފަތިސް މެދުވެރިކޮށެވެ. އޭނާ ވަނީ ހަވީރު ނޫސް މެދުވެރިކޮށްވެސް ގިނަ ލިޔުންތަކެއް އާންމުންނާ ހަމައަށް ގެނެސްދެއްވައިފައެވެ.

އަހުމަދު ޒާހިރަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމުވެސް ދެއްވައިފައެވެ.

ލައިފްޓައިމް އެޗީވްންޓް އެވޯޑް ދެން ހާސިލްކުރެއްވި މޫސާ ލަތީފް ނޫސްވެރިކަން ފެއްޓެވީ "ހަވީރު" ނޫހުން 1987 ވަނަ އަހަރެވެ. އޭރު އުމުރުން އެންމެ 16 އަހަރުގެ މޫސަ ލިޔުއްވާ މަޒުމޫނުތައް ދޭތެރެ ދޭތެރެއިން ހަވީރު ނޫހުގައި ދިޔައީ ޝާއިއުކުރަމުންނެވެ. ސްކޫލު ނިމުމާ އެކު މޫސަ ބޭނުންފުޅުވީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށެވެ.

މި އިނާމު މި ފަހަރު ހާސިލުކުރެއްވި ދެ ބޭފުޅުންގެ ތެރެއިން މޫސާ ލަތީފަށް ސަރުކާރުން ވަނީ މި އަހަރު ނޫސްވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމު ވެސް ދީފަ އެވެ. އޭނާ ވަނީ ދިވެހި ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން ވެސް ހާސިލުކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު