ޚަބަރު
ފަތުރުވެރިކަމުގެ ވިޔަފާރިތައް ވީހާވެސް އަވަހަށް އެމްއެމްއޭގައި ރެޖިސްޓާވާން އެދިއްޖެ
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ވީހާވެސް އަވަހަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓަރީވުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ އެފަދަ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް އެ އޮތޯރިޓީގައި ރަޖިސްޓާވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން އެ އޮތޯރިޓީގައި ރެޖިސްޓާވާން ޖެހޭ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ރަޖިސްޓާވާން ޖެހޭނީ އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލްގައިވާ ރަޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 3012121 އަށް ގުޅުމަށް ނުވަތަ އީމެއިލް އެޑްރެހަށް foreignexchange@mma.gov.mv މެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެމްއެމްއޭ އިން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ ގަވައިދަށް އަމަލުކުރަން ފެށުމާއެކު އެމްއެމްއޭ އިން މީގެކުރިން 37 ކުރިން މާޗް 1، 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ ގަވައިދު ވަނީ އުވާލާފަ އެވެ.

އެމްއެމްއޭ އިން މިހާރު އަމަލުކުރަން ފަށާފައިވާ ގަވައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން
ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހެ އެވެ.

އެގޮތުން ކެޓަގަރީ "އޭ" ގައި ހިމަނާފައިވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. މިކެޓަގަރީގެ ތަނަކުން ހިދުމަތް ހޯދާ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.

ކެޓަގަރީ "ބީ" ގައި ހިމެނެނީ ރާއްޖޭގައި މިހާރު އިތުރުވަމުންދާ ގެސްޓް ހައުސްތަކެވެ. މިތަންތަނުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހެ އެވެ.

މިގޮތަށް މިކަން ކުރަން ޖެހޭނީ ކޮންމެ މަހެއް ނިމި 87 ދުވަހުގެ ކުރިން ކަމަށްވެސް ގަވައިދުގައިވެ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެ އައީ 1.8 މިލިއަން ފަތުރުވެރިންނެވެ. މީގެތެރެއިން 1.5 މިލިއަން ޓޫރިސްޓުން ދިޔައީ ރިސޯޓްތަކަށް ކަމަށްވާތީ އެ އެ ނަންބަރުން ހިސާބު ހަދާނަމަ ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން ބޭންކްތަކަށް އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެ އެވެ. ގެސްޓް ހައުސްތަކުން އަހަރަކު 7.5 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކުރަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު