ޚަބަރު
ސަރުކާރުން ބައެއް ބޭސްތަކުގެ އަގު ކޮންޓުރޯލުކުރަނީ
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށް އަސަންދަ ރިޕޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހެއްގެ އަގަށް ބަދަލުގެނައުމަށް ނިންމައިފި އެވެ.

މިއަދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. 

އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުންޏެވެ. 

އެ ތާރީހުތަކުން ފެށިގެން އަގު ކޮންޓްރޯލުކުރާ ބޭސްތަކާއި އެ ބޭސްތައް އެ ތާރީހުތަކުން ފެށިގެން ވިއްކޭނެ އަގުތައް އާސަންދައިގެ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެ އެވެ. 

އެންސްޕާއިން ބުނެފައިވަނީ މި ބަދަލާއެކު ކުރިން އަގުބޮޑުކޮށް ވިއްކި ބޭސްތަކުގެ އަގުހެޔޮކުރެވި، އާސަންދައިގެ ހަރަދުތައް ކުޑަކުރެވި، އަހަރެއްގެ މައްޗަށް ބޭހަށް ކުރާ ހޭދައިގެ ތެރެއިން 220 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. 

އާސަންދައަށް މިއަހަރު ކަނޑައަޅާފައިވާ ބަޖެޓު ވެސް ހުސްވެ، ޚަރަދުތައް ދެ ބިލިއަން ރުފިޔާއަށް އަރައިފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ. މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް ތިންވަނަ ކުއާޓަރު ނިމުނުއިރު އާސަންދައިން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށްޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް މި އަހަރުގެ ޖުލައި މަހުގެ 22 ގައި ފުރަތަމަ ފަހަރަށް ވިއްކަން ވެސް ވަނީ ފަށައިފައެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެންސްޕާ އިން ކުރަމުން އަންނަ ކަމެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ މަނިކުފާނު ވަނީ ރާއްޖޭގައި އާދަޔާ ހިލާފު ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު