ޚަބަރު
އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިޔަން ދިން މައްސަލަ ފުލުހަށް ހުށަހަޅަނީ
އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުނި ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފި އެވެ.

ސެޕްޓެމްބަރު، 2016 ގައި އާސަންދައިން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު ވަނީ އަންދާޒާކޮށްފަ އެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވާ ޖޫން، 2017 ގައި އާސަންދައިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގީ ބަޖެޓް މައްސަލަތަކަކާ ހުރެ އެވެ. އެހެންވެ، މަޝްރޫއު ހުއްޓާލުމުން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށް ބުނެ ސަރުކާރާ އެކު އިތުރު ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއުއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް މިދިޔަ އަހަރު ދޫކޮށްފައިވެ އެވެ.

އެ މައްސަލައާ މެދު ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެއްޅުއްވި ގޮތަށް ކޮމިޓީން ނިންމީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ.

ނާޒިމް ވިދާޅުވީ އެ މަޝްރޫއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިނުމުން ސުވާލު އުފެދޭ ކަމަށާއި އެއީ ސްކޭމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިގޮތުން ނާޒިމް އިތުރަށް ހުށަހެޅުއްވީ ސައުތު ކޯސްޓާއި އާސަންދައާ ދެމެދު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނެސް، އެޑްވާންސް ޕޭމަންޓް ރިކަވާ ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެ ހުށަހެޅުން ވެސް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ އެ މަޝްރޫއުގެ ތަފްސީލު ހޯދަން އާސަންދައިގައި އެދިފަ އެވެ. އާސަންދައިން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮންނާތީ ނޯތު ކޯސްޓާއެކު އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް، މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އަލީ ހަމީދު ވެސް ޕީއެންސީއަށް ސޮއި ކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު