ޚަބަރު
މާދަމާ އިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސުން ކަނޑާފައި!
އާސަންދަ ނިޒާމު ރިފޯމްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މާދަމާއިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ، އެ އިންޝުއަރެންސްގެ ލިމިޓް ހަވަމުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

ސަރުކާރުން ގެންދަވަނީ އާސަންދައިން ކުރެވޭ ހޭދަ ކުޑަކޮށް އިސްރާފުގެ ބައި ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވީ އިޖުތިމާޢީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު، "އާސަންދަ ސްކީމް" އިސްލާޙުކޮށް އިސްރާފު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދޭން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. 

މިކަންކަން ކުރިއަށްދަނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަ އުސޫލަކުން ކަން ކަށަވަރު ކުރުމަށް އެ ފިޔަަވަޅުތައް އަޅަން ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން އިންޕޭޝެންޓު އަދި އައުޓް ޕޭޝެންޓު ހިދުމަތްތައް ވަކިވަކިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން 

  • މާދަމާ އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް އަށް

  • ޕްރައިވެޓް އިންޝުއަރެންސް ނެތް ނަމަ ނުވަތަ ޕެކޭޖުތަކުގެ ލިމިޓު ހަމަވެފައިވާނަމަ މިހާރެކޭ އެއްގޮތަށް އާސަންދައިން ހިދުމަތް ލިބޭނެ

އާސަންދައިގެ ހިދުމަތް ލިބިގަތުމަށްފަހު ހިދުމަތް ހޯދިކަމުގެ ރަސީދު ހޯދަން އާސަންދަ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރު އިންޝުއަރެންސް ސްކީމުތައް ބޭނުންކުރާ މީހުންނަށް އާސަންދަ ދިނުމުގައި ވަކި އުސޫލެއް އެކުލަވައިލާއިރު، އާސަންދަ ސްކީމުގެ ތެރެއިން ދައުލަތަށްވާ އިސްރާފުތައް ކުޑަ ކުރުމަށް އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް އާސަންދަ ސްކީމަށް ވަނީ 918 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އާސަންދައަށް ހޭދަކުރަން 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.

އާސަންދަ ނިޒާމަށް ގެންނަ ބަދަލާ އެކު ސަރުކާރުން ވަނީ ރާއްޖޭގައި ދޫކުރާ 250 ބޭހެއްގެ އަގު އަންނަ މަހުން ފެށިގެން ކޮންޓްރޯލް ކުރަން ވެސް ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު