ވިޔަފާރި
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް
ދުނިޔޭގެ މަޝްހޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެއާލައިނެއް ކަމުގައިވާ އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފަ އެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލް އަދި އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުއްވާފަ އެވެ. 

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ޕާޓްނާޝިޕްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބޭ ފުރުޞަތުތަކާ މެދު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

އަދި ޝާރްޖާއާ ސީދާ ގުޅުމުގެ ސަބަބުން މެދުއިރުމަތީގެ މާކެޓުން އަންނަ ފަތުރުވެރިން އިތުރުވެ، ދުނިޔޭގެ ގިނަ ސިޓީތަކަކަށް ކަނެކްޝަން ފުޅާވެގެންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރާއްޖޭގެ ރަށްރަށުގެ ރީތިކަން ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި އަދި ހުއްޓުމެއްނެތި ވައިގެ ދަތުރުފަތުރު ކުރެވޭނެ މަގު ހުޅުވިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާ އަރޭބިއާއިން ދަތުރުކުރަނީ ދުނިޔޭގެ އެންމެ ޒަމާނީ އަދި އެންމެ ގިނައިން ވިއްކޭ ސިންގަލް އެއިލް މަތިންދާބޯޓުތަކުގެ ގޮތުގައި ބެލެވޭ އެއާބަސް އޭ320 އަދި އޭ321 މަތިންދާބޯޓުތަކުންނެވެ.

މި ބޯޓުތަކުގެ ކެބިންތަކުގައި ގޮނޑިތައް ހުންނަ ގޮތުން އިކޮނޮމީ ކްލާހުގެ އެހެން ބޯޓުތަކާ އަޅާބަލާއިރު ވަރަށް ތަނަވަސްކޮށް ދަތުރުކުރެވެއެވެ. މީގެ އިތުރުން، މި ބޯޓުތަކުގައި "ސްކައިޓައިމް"ގެ ނަމުގައި ހިލޭ ސްޓްރީމިން ޚިދުމަތެއް ލިބެއެވެ. މި ޚިދުމަތުން ފަސިންޖަރުންނަށް އެ މީހުންގެ ޑިވައިސްތަކުން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ސްޓްރީމްކުރެވެއެވެ.

ކަސްޓަމަރުންނަށް މިހާރު ޝާރްޖާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތަކުން ޓިކެޓް ގަނެވޭނެއެވެ. އެއާ އަރޭބިއާގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ ކޯލް ސެންޓަރަށް ގުޅައިގެން ނުވަތަ ޓްރެވަލް އޭޖެންސީތައް މެދުވެރިކޮށް މިހާރު ޓިކެޓް ނެގޭނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު