ޚަބަރު
ހަނިމާދޫ އެއާޕޯޓާއެކު 4،000 އެނދު ތަރައްގީކުރަނީ
އުތުރުގައި ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު 4،000 އެނދު ތަރައްގީކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިއީ މަޖިލީހުގެ ޖަލްސާއަކަށް ފައިސަލް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

ފައިސަލް ވިދާޅުވީ ރައީސް މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުދިއްލީ އަދި މުމްބާއީގައި ބޭއްވި ފޯރަމްތަކުގައި އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު އެތަނުގެ އިންވެސްޓަރުންނާ ހިއްސާވެސް ކުރެއްވި ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާގައި ދުބާއީއާއި ސިންގަޕޫރާއި ތައިލެންޑުގެ އިތުރުން އިންޑިއާގައި އިންވެސްޓަރުންގެ ފޯރަމްތަކެއް ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގެ ޕްލޭންތަކާއި ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކު ފަންޑުކޮށްގެން ހަނިމާދޫގައި ތަރައްގީކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެ ކުރިން އުތުރު އަތޮޅުތަކުގައި ޖުމްލަ 4،000 އެނދު ތަރައްގީކުރާނެ ކަމަށެވެ.

"ހަނިމާދޫއަށް އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެތަނުގެ ކަނެކްޓިވިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރި އެރުމެއް. އެހެންވީމަ އެއާޕޯޓު ނިމުމުގެ ކުރިން އެތަނަށް ހަތަރު ވަރަކަށް ހާސް އެނދު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސްގެ އިރުޝާދާ އެއްގޮތަށް އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް ޓޫރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

ފައިސަލް ވިދާޅުވި ގޮތުގައި، ހދ. އަތޮޅުގައި މިވަގުތު ރަޖިސްޓްރީކޮށްގެން ހިންގަނީ 460 އެނދެވެ. އެހެންވެ، އެ އަތޮޅުގެ އިތުރު ތިން ރަށެއް ފަތުރުވެރިކަމަށް ދޫކޮށް، 1،886 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހދ. އަތޮޅުގައި މިވަގުތު ހިންގަމުންދަނީ އެންމެ ދެ ރިސޯޓެވެ. އެއީ މިއަހަރުގެ ކުރީކޮޅު ހުޅުވި ސޮނޭވާ ސީކްރެޓް ރިސޯޓާއި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

ހދ. އަތޮޅުގެ އެތައް ރަށެއް އެތައް އަހަރެއް ކުރިން ރިސޯޓް ހަދަން ދޫކޮށްފައިވީ ނަމަވެސް، އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. މި ސަރުކާރުން ވަނީ އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް ހދ. އަތޮޅުގައި ގިނަ ރިސޯޓްތައް ހުޅުވަން މަސައްކަތް ކުރާނެ ކަމަށް ވައުދު ވެފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު