ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނަށް އޮތީ މާޔޫސްކަން: ފައްޔާޒު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.

މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގެ ބަދަލުގައި، ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބަޖެޓުގެ މުހިއްމު ތަފްސީލުތައް ނުހިމަނައި ފޮރުވާފައިވާ ކަމަށާއި މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫޢުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށްވާއިރު ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުން ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މުޢިއްޒު ވީ ބޮޑެތި ވަޢުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށް ނެތް. މި ބަޖެޓަކީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވަޢުދާ ޚިލާފުވި ބަޖެޓެއް. ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މި ބަޖެޓުން ފެންނަނީ އިޤްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު