ޚަބަރު
ޕީއެންސީން ބަޖެޓް ކިޔައި ދޭން ސިލްސިލާ ފޯރަމެއް ފަށަނީ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ތަފުސީލުތައް އާންމުންނަށް ސާފުކޮށް ކިޔައި ދޭން ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ސިލްސިލާ ފޯރަމްތަކެއް ބާއްވަން ނިންމައިފި އެވެ.

ޕީއެންސީ އިން ސިލްސިލާ ސައްލާ ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައި އެ ޕާޓީގެ ހަރުގޭގައެވެ. މިރޭ ސައްލާ ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ "ގެދޮރުވެރިކަމުގެ ބަޖެޓު 2025" މި މައުޟޫއު އަށެވެ.

މިރޭ މި ސައްލާގެ ޕެނަލްގައި ޕީއެންސީގެ ނައިބު ރައީސް،، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު ވަޒީރު އަހުމަދު ސާއިދު މުޞްޠަފާ ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގެންނަވާ ޢާންމު ރައްޔިތުންނަށް ޕެނަލުގެ ބައިވެރިންނާއި ސުވާލުކުރެއްވުމުގެ ފުރުޞަތު ވެސް އޮންނާނެކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ބޯހިޔާވެހި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާތީ ބަޖެޓަށް ސަރުކާރުން ކިޔަނީ ގެދޮރުވެރިކަމުގެ ބަޖެޓް އެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފޯރުކޮށްދޭން ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އަދަދަށް ފައިސާ ކަނޑައަޅައި، އަލުން ރައްޔިތުން މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން، ދައުލަތުގެ އެ އަހަރެއްގެ އާމްދަނީން މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރަން ޖެހޭއިރު، މި ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލްތަކަށް ޚާއްސަކޮށްފައި ވަނީ 1.4 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ އަދަދުގެ ފަސް ޕަސެންޓުގެ ގޮތުގައި ކައުންސިލްތަކަށް ލިބެން ޖެހޭ އަދަދު 1.4 ބިލިޔަނަށްވުރެ އިތުރުވާނެއެވެ.

އެ މައްސަލައިގައި އެމްޑީޕީގެ އިތުރުން ބައެއް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު