
މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަހުފަލުލް ގުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރުގެ ވާހަކައިގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އައިޔޫއެމާ ގުޅޭ ތަސައްވުރެއް އޮތްކަން ފާހަގަ ކުރައްވައިފަ އެވެ. އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ."އަޅުގަނޑަށް ޔަގީން ކުރެވެނީ 2025ވަނަ އަހަރަކީ މި ޖާމިއާ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ އަހަރަކަށް. އެ ކަމުގެ އުފާވެރިކަމުގެ ޚަބަރު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް މިއަދު އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.ސަރުކާރުގެ އަމާޒަކީ ދިވެހީންގެ އިތުރުން، މިސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށް ވެސް ތައުލީމު ހާސިލު ކުރެވޭނެ މަރުކަޒަކަށް އައިޔޫއެމް ހެދުންކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިސްލާމީ ތައުލީމާއި، ގުރްއާން ކިޔެވުމުގެ ފަންނު ޒުވާނުންގެ ހިތްތަކުގައި އުފެއްދުމަށް އޮތް ޝައުގުވެރިކަން އައިޔޫއެމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.